ފައިނަލް މެޗުގެ ފޯރިގަދަ ކުޅުމަކަށް ފަހު، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން ބަލިކޮށް ވިލާތުގެ ޗެމްޕިއަން ސްޕެއިނުން 2026ގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި، ސްޕެއިނުން ވަނީ މެޗުގެ ބޮޑު ބައެއް ކޮންޓްރޯލްކޮށްގެން މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސްޕެއިނަށް މިއުފާވެރިކަން ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރާން ޓޮރޭޒްއެވެ. އޭނާ މި ތާރީޚީ ލަނޑު ކާމިޔާބުކުރީ މެޗުގެ 106 ވަނަ މިނެޓުގައެވެ. އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މެޗުގައި ސްޕެއިންގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

 

ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ސްޕެއިންގެ ފެރާން ޓޮރޭސް (7) ގޯލު ޖެހުމުން އުފާފާޅުކުރަނީ (އޭޕީ ފޮޓޯ/ޖޫލިއޯ ކޯޓެޒް)

 

މި މެޗުގައި އާޖެންޓީނާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޓީމުގެ އެންޒޯ ފެނާންޑޭޒްއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، މެޗުގެ ފަހު ބައި  10 ކުޅުންތެރިންނާއެކު ފުރިހަމަކުރަން ޖެހުމެވެ.

މިއީ 2010 ވަނަ އަހަރުގެ ފަހުން ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި ކާމިޔާބީއާއެކު ސްޕެއިން މިވަނީ ޔޫރަޕްގެ ޗެމްޕިއަންކަމުގެ އިތުރުން ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދައި، ފުޓްބޯޅައިގެ ދުނިޔޭގެ ރަސްކަން ހާސިލްކޮށްފައެވެ.

ދުނިޔޭގައި އުފެދުނު އެފަދަ ދެވަނައެއް ނުވާ ހުނަރުވެރި ލިއޮނަލް މެސީގެ އާޖެންޓީނާއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ދިފާއުކުރުމަށް ކުރި އުންމީދު ފެނަށް ދިޔައިރު، މިއީ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައިވެސް 48 ޓީމާއެކު ބޭއްވުނު އެންމެ ބޮޑު ވޯލްޑް ކަޕް މުބާރާތެވެ.