ހުޅަނގު އައްސޭރި — ބައިތުލަހަމް ކައިރީގައި ވާ 'ސޮލޮމަންސް ޕޫލްސް' ނުވަތަ ސުލައިމާނު ޢަލައިއްސަލާމް އާ ގުޅުވައިގެން ނަން ދެވިފައިވާ އާސާރީ ފެންގަނޑުތައް ހިފުމަށް އިސްރާއީލުން އިންޒާރު ދީފިއެވެ.

މިއީ ބިންފޭރޭ ހައްދުފަހަނައެޅި ސަޙްޔޫނީން، ހުޅަނގު އައްސޭރީގެ ބިންތަކާއި އާސާރީ ތަންތަނުގެ މައްޗަށް ބާރު ފޯރުވުން އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ޒަމާނުއްސުރެ ފަލަސްތީނުގެ ބާރުގެ ދަށުގައި އޮތް މި ފެންގަނޑުތަކަކީ، ހޫނު މޫސުމުގައި ފެންވަރައި ހިތްހަމަޖައްސާލުމަށް އާންމުން އެންމެ ގިނައިންދާ އެއް ތަނެވެ.

މެއި މަހުގެ ތެރޭގައި، އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ކުރިން ހެދިފައިވާ އެއްބަސްވުންތައް އުވާލައި، އެ ސަރަހައްދަކީ އިޒްރޭލުގެ ބިމެއް ކަމަށް ކަނޑައަޅާނެ ކަމަށް ބުނެފައެވެ. އެއަށްފަހު، ޔަހޫދީ ބިންފޭރޭ މީހުން އެ ސަރަހައްދަށްދާ މިންވަރު އިތުރުވެފައިވެއެވެ. އަދި މި ޖުލައި މަހުގެ 10 ވަނަ ދުވަހު އިޒްރޭލު ސިފައިން އެ ސަރަހައްދަށް ވަދެ، އެތަނުގައި ފެންވަރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށް ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ.

މި ފެންގަނޑުތައް އޮންނަނީ އެފްރާތުއޭ ކިޔާ، ޔަހޫދީން އާބާދުވާ ސަރަހައްދާ ވަރަށް ކައިރީގައެވެ. މިކަމުގެ ސަބަބުން، އިޒްރޭލުން އިތުރަށް ބިންތައް ފޭރިގަނެފާނެ ކަމުގެ ބިރު ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ އުފެދިފައެވެ.