އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ނިއުޔޯކް ސިޓީއަށް ޒިޔާރަތްކޮށްފިނަމަ އޭނާ ހައްޔަރު ކުރެވިދާނެތޯ ބެލުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، އެ ސިޓީގެ ގާނޫނީ އިދާރާއާއެކު މަޝްވަރާތައް ފައްޓަވައިފިއެވެ.

"ދަ ނިއުޔޯކް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވަނީ ނަތަންޔާހޫއަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް ސިފަކުރައްވައި، އޭނާ ހުންނަންޖެހޭނީ ހޭގްގައި ހުންނަ (އައި.ސީ.ސީ)ގައި ކަމަށް ވިދާޅުވެފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު، އޭނާ ހައްޔަރުކުރުމަށް (އެންވައިޕީޑީ) އަށް އަމުރުކުރުމުގެ ގާނޫނީ ބާރު މޭޔަރަށް ލިބިގެންވޭތޯ ބެލުމަށް ސިޓީގެ ގާނޫނީ ލަފާދޭ ޑިޕާޓްމަންޓާއެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް މަމްދާނީ ވިދާޅުވިއެވެ.

މަމްދާނީ ވިދާޅުވީ ގާނޫނުން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ނަމަވެސް އަމިއްލަ ގާނޫނުތަކެއް ހަދައިގެން ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ކަމަށްވާ (އައި.ސީ.ސީ) އިން ވަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ނެތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. ނަމަވެސް އެމެރިކާއަކީ އެ ކޯޓުގެ މެންބަރު ގައުމަކަށް ނުވާތީ، ފެޑެރަލް ގާނޫނުތައް ބުނާގޮތުން އެމެރިކާގެ އެއްވެސް އިދާރާއަކުން އެ އަމުރު ތަންފީޒުކުރުމަށް އެއްބާރުލުން ދިނުމަކީ މަނާކަމެކެވެ.

މިކަމާ ގުޅިގެން އދ. އަށް ކަނޑައަޅާފައި ހުންނަ އިސްރާއީލުގެ ސަފީރު ޑެނީ ޑެނޮން ވަނީ މަމްދާނީގެ ވާހަކަތަކަށް ރައްދުދީ، އެއީ ހަމައެކަނި "ސިޔާސީ ތިއޭޓަރެއް" ކަމަށްބުނެފައެވެ. އަދި ނަތަންޔާހޫ ފަޚުރުވެރިކަމާއެކު ނިއުޔޯކަށް އަރައި އދ. ގައި ވާހަކަ ދައްކާނޭ ކަމަށާއި، ހައްޔަރުކުރަންޖެހެނީ މޭޔަރު މަމްދާނީ ކަމަށްވެސް ޑެނޮން ބުނެފައިވެއެވެ.