ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގައި މިރޭ، ކިލިއަން އެމްބާޕޭ ޖެހި ދެލަނޑާއެކު ޑެންމާކު އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެ، ދުނިޔޭގެ ޗެމްޕިއަން ފްރާންސް މި މުބާރާތުގެ ގަދަ 16ގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައިވާ ނުވާ މިމެޗުގެ ފަހުހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނޭ ފުރުސަތުތަކެއް ލިބުނެވެ. މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު 61 ވަނަ މިނިޓްގައި އެމްބާޕޭ ކާމިޔާބުކުރިތާ 7 މިނިޓްފަހުން، ޑެންމާކުގެ އެންޑްރިއޭސް ކްރިސްޓެންސަން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފްރާންސް މޮޅުވި ލަނޑު އެމްބާޕޭ ކާމިޔާބުކުރީ، 86 ވަނަ މިނިޓްގައެވެ. މިއީ އެމްބާޕޭ މި މުބާރާތުގައި ކާމިޔާބުކުރި 3 ވަނަ ލަނޑެވެ. އޮސްޓްރޭލިޔާއަތުން 4-1 ލަނޑުން މޮޅުވި މެޗުގައިވެސް އެމްބާޕޭ ވަނީ ލަނޑެއް ޖަހައިފައެވެ.

މި ނަތީޖާއާއެކު، 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން ފްރާންސުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު، 3 ޕޮއިންޓާއެކު މި ގްރޫޕްގެ 2 ވަނައިގައި އޮތީ، ތޫނިސްއަތުން މިއަދު 1-0 އަކުން މޮޅުވި އޮސްޓްރޭލިޔާއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ދާނޭ ޓީމެއް ޔަގީން ވާނީ، ފްރާންސާ ތޫނިސް، އަދި ޑެންމާކާ އޮސްޓްރޭލިޔާގެ މެޗަށް ފަހުއެވެ. ފުރުސަތު ބޮޑީ އޮސްޓްރޭލިޔާއަށެވެ.