މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިންކަމަށްވާ މައްކާއަށް ޙަމަލާއެއް ދިނުމަށް މަސައްކަތްކުރި ކަމަށް ބުނެ ކުރާ ތުހުމަތުތައް ޔަމަނުގެ ޙޫޘީ ޖަމާޢަތް (އަންޞާރުﷲ)ގެ ލީޑަރު ޢަބްދުލްމަލިކު އަލްޙޫޘީ ދޮގުކުރައްވައިފިއެވެ. 

ސަޢޫދީ ޢަރަބިއްޔާއިން ބުނެފައިވަނީ އިސްލާމްދީނުގެ އެންމެ މުޤައްދަސު ރަށް ކަމަށްވާ މައްކާގެ ރައްކާތެރިކުރެވިފައިވާ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން، އަންގާރަ ދުވަހު ޙޫޘީންގެ ޑްރޯންއެއް ސަޢޫދީ ދިފާޢީ ބާރުތަކުން ހުއްޓުވައި ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ޙޫޘީންގެ ޢަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ އެ ޖަމާޢަތުން މައްކާއަށް އަމާޒުކޮށް ޙަމަލާއެއް ދިން ކަމަށް ބުނާ ބުނުން ދޮގުކުރައްވައިފައެވެ. އަދި ސަޢޫދީގެ މި ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ޕްރޮޕެގޭންޑާކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޙޫޘީންގެ ލީޑަރު އަލްޙޫޘީ ވަނީ މައްކާއަށް ދިން ކަމަށް ބުނާ ޙަމަލާ ކުށްވެރިކުރި ސަރުކާރުތަކަށާއި ޖަމްޢިއްޔާތަކަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެ ފަރާތްތަކުން އެކަމުގެ ޙަޤީޤަތް ބަލައި ކަށަވަރުކުރުމެއް ނެތި، ސަޢޫދީން ދެއްކި ވާހަކަތައް އެއީ ތެދެއްގެ ގޮތުގައި ވަނީ ޤަބޫލުކޮށްފައެވެ.

އޭގެ އިތުރުން، ސަޢޫދީން މިފަދަ ތުހުމަތުތައް ކުރަނީ އިސްލާމީ އުންމަތުގެ ނުފޫޒުގަދަ ޤައުމުތަކުގެ ތާއީދު ހޯދުމަށާއި، ޙޫޘީންނާ ދެކޮޅަށް އާންމު ރައުޔު އަނބުރާލުމުގެ މަޤްޞަދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މުސްލިމުންގެ އެންމެ މުޤައްދަސު ބިން ކަމަށްވާ މައްކާއަށް ޙަމަލާދިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ސަޢޫދީ ސަރުކާރުން އުފައްދައިގެން އުޅޭ ބާތިލު ވާހަކަތަކެއް ކަމަށާއި އަދި ޙޫޘީންގެ ޙަމަލާތައް އަބަދުވެސް އަމާޒުކުރަނީ އަސްކަރީ އިދާރާތަކަށް ކަމަށާއި، އިސްލާމީ މުޤައްދަސު ބިންތަކުގެ ޙުރުމަތް ކެނޑުމަކީ އެ ޖަމާޢަތުން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޙާދިސާއާ ގުޅިގެން ސަރަޙައްދީ މަޝްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ދެފަރާތުގެ ދެމެދުގައި ބަހުގެ ޙަމަލާތަކާއި ތުހުމަތުތައް ބަދަލުކުރުން ދަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން، ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ވަނީ، ސަޢުދީން ދޮގުޚަބަރު ފަތުރާކަމަށާއި، އަދި އެއްވެސް ބަޔަކު މައްކާ އަދި މަދީނާ ފަދަ މުސްލިމުންގެ އެއްވެސް މުޤައްދަސު ތަނަކަށް ގެއްލުމެއް ދޭން އުޅެފި ނަމަ އެކަމާ ދެކޮޅަށް ނުކުންނާނޭކަމަށް ބުނެ، ބޮޑެތި ހިނގާލުންތައް ބާއްވައިފައެވެ.