ކޮސޯވޯގެ މިނިވަންކަމުގެ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން، އެ ޤައުމުގެ ކުރީގެ ރައީސް ހާޝިމް ތާޗީގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ނެދެރެލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޗެމްބަރސްއިން އިއްވައިފިއެވެ.

ޢުމުރުފުޅުން 58 އަހަރުގެ ތާޗީގެ މައްޗަށް ސާބިތުވެފައިވަނީ ހަނގުރާމައިގެ ޖަރީމާގެ ހަތަރު ދަޢުވާއެކެވެ. މީގެ ތެރޭގައި 1990 ގެ އަހަރުތަކުގެ ތެރޭގައި ސާބިއާގެ ކިބައިން މިނިވަންވުމަށް ކުރި ހަނގުރާމައިގައި، ކޮސޯވޯ ލިބަރޭޝަން އާމީ (ކޭއެލްއޭ) ގެ އިސް ކޮމާންޑަރެއްގެ ހައިސިއްޔަތުން ސިޔާސީ ވާދަވެރިންނާއި ސާބިއާގެ ސެކިއުރިޓީ ބާރުތަކަށް އެއްބާރުލުންދިން ކަމަށް ބެލެވުނު 96 މީހުން މެރުމާއި، އަނިޔާކުރުމާއި، އަދި ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށްގެން ގެންގުޅުމުގެ ކުށް ހިމެނެއެވެ.

މި މައްސަލައިގައި ތާޗީގެ އިތުރުން ކޭއެލްއޭގެ އިސް ތިން ކޮމާންޑަރެއްގެ މައްޗަށްވެސް ވަނީ ހުކުމް އިއްވާފައެވެ. އެއީ ޖާކުޕް ކްރަސްނީޗީ (25 އަހަރުގެ ޖަލު ހުކުމް)، ކަދްރީ ވެސެލީ (18 އަހަރުގެ ޖަލު ހުކުމް) އަދި ރެކްޝެޕް ސެލީމީ (13 އަހަރުގެ ޖަލު ހުކުމް) އެވެ. ނަމަވެސް، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ އާންމު ހަ ދަޢުވާއަކުން މި ހަތަރު ބޭފުޅުން ވަނީ ބަރީޢަވެފައެވެ. ސަބަބަކީ އެއީ އާންމުންނާ ދެކޮޅަށް ރޭވިގެން ހިންގި ޙަމަލާތަކެއްކަން ސާބިތުކޮށްދެވިފައި ނުވުމެވެ.

މި ހުކުމާ ގުޅިގެން ކޮސޯވޯގައި ބޮޑެތި ހަމަނުޖެހުންތަކާއި ނުރުހުންތެރިކަން ވަނީ އުފެދިފައެވެ. ކޮސޯވޯގެ ގިނަ ރައްޔިތުން ތާޗީއާއި ކޭއެލްއޭ ދެކެނީ ޤައުމީ އަބްޠާލުންގެ ގޮތުގައެވެ. ކޮސޯވޯގެ ޚާރިޖީ ވަޒީރު ގްލައުކް ކޮންޖުފްސާ މި ހުކުމް ސިފަކުރެއްވީ "ނުރައްކާތެރި އަދި ކޮސޯވޯއަށް ގެއްލުންހުރި" ނިންމުމެއްގެ ގޮތުގައެވެ. އަދި އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ ވަނީ މި ނިންމުމަށް ފާޑުވިދާޅުވެފައެވެ.

އަނެއްކޮޅުން، ސާބިއާގެ ނައިބު ބޮޑުވަޒީރު އިވިސާ ދާސިޗް ވަނީ މި ހުކުމަކީ ކޭއެލްއޭއަކީ ޓެރަރިސްޓް ޖަމާޢަތެއްކަން ސާބިތުވި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. 1998 އިން 1999 އަށް ހިންގި މި ހަނގުރާމައިގައި 13,000 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ގެދޮރުގެއްލުނެވެ.

ހަނގުރާމައަށްފަހު ކޮސޯވޯގެ ބޮޑުވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ކުރެއްވި ތާޗީ، ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު ކޯޓުން ދަޢުވާ އުފުލުމާ ގުޅިގެންނެވެ. ހުކުމް އިއްެވި ނަމަވެސް، މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުޞަތު ތާޗީއަށް ލިބިވަޑައިގަންނަވައެވެ.