އިސްލާމްދީނުގެ ހިދާޔަތުގެ މަތިވެރި ނިޢުމަތަކީ މާތް ﷲ އިންސާނިއްޔަތަށް ދެއްވި އެންމެ ބޮޑު ނިޢުމަތެވެ. ދިވެހިރާއްޖޭގެ އަދި ޚާއްސަކޯށް ދވެހީންގެ އުފާވެރިކަމާއި، މިނިވަންކަމާއި، އެއްބައިވަންތަކަން ފާއިތުވި ނުވަސަތޭކަ އަހަރު ދެމިއޮތީ އިސްލާމްދީނުގެ ސާބިތު އަސާސްތަކުގެ މަތީގައެވެ. ކުރިއަށް އޮތް ޖީލުތަކަށް ޤައުމުގެ އެއްބައިވަންތަކަން ފޯރުކޮށްދެވޭނީވެސް އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބެގެންނެވެ. މިއީ ފެންނާން އޮތް ދެކޮޅުހެދޭން ނެތް ޙަޤީޤަތެވެ.
މި ލިޔުމުގައި ބަލައިލާނީ 11 ސެޕްޓެމްބަރު 2026 (29 ރަބީޢުލްއައްވަލް 1448) ވީ ހުކުރު ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި "އިސްލާމްދީނުގައި ސާބިތުވުން" މައުޟޫޢުގެ މައްޗަށް ލިޔެފައިވާ ހުކުރު ޚުޠުބާއަށެވެ.
ދީނުގައި ސާބިތުވުމާއި އިޖުތިމާޢީ ޒިންމާ
އިސްލާމްދީނަކީ މުޅި އިންސާނިއްޔަތަށް ހުރި ރަޙުމަތެކެވެ. މުޖުތަމަޢެއްގައި އިސްލާމީ އަސާސްތައް ދެމިއޮންނާނީ ތައުޙީދުގެ ޞައްޙަ ޢަޤީދާގެ މައްޗަށް މީހުން ތަރުބިޔަތުކޮށް، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެންނެވެ. މީސްތަކުންގެ އަބުރާއި، ކަރާމަތާއި، ފުރާނައާއި، މުދާ ރައްކާތެރިކުރުމަށް ދީން ބާރުއަޅާއިރު، ކީރިތި ރަސޫލާ ފޮނުއްވުނީވެސް ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ.
މި ހުކުރުގެ ޚުޠުބާގައި ފާހަގައި ފާހަގަކޮށްފައިވާ ގޮތުގައި، ދީނަށް ގޮވައިލުމުގައި ހަރުކަށި ފިކުރުތަކާ ދުރުހެލިވާންޖެހެއެވެ. އެއްވެސް ޙުއްޖަތެއް ނެތި މީސްތަކުން ކާފަރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، މުޖުތަމަޢުގައި ނަފުރަތު އުފެއްދުމަކީ ދީނީ އުޞޫލުތަކާ ޚިލާފު ކަންކަމެވެ.
ޤައުމީ ފެންވަރުގައި ދީން ޙިމާޔަތްކުރުން
ރާއްޖޭގައި އިސްލާމީ ޢަޤީދާ ދާއިމަށް ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން:
- ޤާނޫނީ އަދި ޤަޟާއީ ނިޒާމު: އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާ (ޖިނާއީ، މަދަނީ، ޢާއިލީ އަދި މާލީ) އެއްގޮތަށް ޤާނޫނުތައް ހަދައި ނިޒާމު ބައްޓަންކުރުން.
- ތަޢުލީމީ މަންހަޖު: އިސްލާމީ ޢަޤީދާ ރައްކާތެރިކުރެވޭނެ ގޮތަށް މުޤައްރަރުތައް ފަރުމާކޮށް، ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ޔުނިވަރސިޓީތައް މެދުވެރިކޮށް ޢިލްމުވެރިންނާއި ޙާފިޒުން ބިނާކުރުން.
- ސިޔާސީ ނިޒާމު: އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ޙިމާޔަތްކުރެވޭނެ ކަންކަން ހިމެނުން.
ޢާއިލީ އަދި ފަރުދީ ޒިންމާ:
ކޮންމެ ޢާއިލާއަކުންވެސް ދަރީން ބޮޑެތިކުރަންޖެހެނީ އިސްލާމީ ތަރުބިޔަތުގެ މަތީގައެވެ. ﷲ މަޢުރިފާކޮށް ދެނެގަތުމާއި، ރަސޫލާއާއި އެކަލޭގެފާނުގެ އާލުބައިތުން ދެކެ ލޯބިވުމާއި، ނަމާދަށް ހާނުވައި ޤުރްއާން އުނގަންނައިދިނުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. މުސްތަޤުބަލުގައި ދީން ދިފާޢުކުރާނީ މި ދަރީންނެވެ.
ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާއެއްގެ މުޑުވަކެވެ. އަދި ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢަކާއި ދައުލަތެއްގެ ބިންގަލެވެ. ޖަމާޢަތުގައި ނަމާދުކުރުމާއި، ބޮޑެތިމީހުންނަށް ކަމޭހިތުމާއި، ކުޑަކުދީންނަށް އޯގާތެރިވުމުގެ ރިވެތި އާދަތައް ދަމަހައްޓައިގެން މެނުވީ އިސްލާމީ އުންމަތުގެ ސަފުތައް ބަދަހިއެއް ނުކުރެވޭނެއެވެ. އެހެނީ، އިސްލާމްދީނަކީ އިންސާނިއްޔަތަށް މާތް ﷲ ދަރުމަކުރެއްވި ރަޙުމަތުގެ ދީނެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބީގެ ދީނެވެ. الله سُبْحَانَهُ وَتَعَالَىއަށް، އެކަލާނގެ އަޅުތަކުން ބޯލަނބައި ކިޔަމަންގަތުމަށް އެކަލާނގެ ރުހިވޮޑިގަންނަވާ ދީންކަމަށް ވާތީއެވެ.